ކެންޔާގެ މެދުތެރޭ ސަރަހައްދެއް ކަމަށްވާ ނަކުރޫގައި ހުންނަ އުޓޫމިޝީ ގާލްސް އެކަޑަމީގެ ޑޯރމިޓަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަރުވި ދަރިވަރުންގެ އަދަދު 16 އަށް އަރައިފިއެވެ.
ކަމާ ބެހޭ ފަރާތްތަކުން އެންމެ ފުރަތަމަ މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި މަރުވީ 10 ދަރިވަރުންނެވެ. ނަމަވެސް، ފަހުން އިތުރު 6 ކުއްޖަކު މަރުވިކަން ކަށަވަރުވުމާއެކު ޖުމްލަ މަރުވި ކުދިންގެ އަދަދު ވަނީ 16 އަށް އުފުލިފައެވެ.
މީގެ އިތުރުން، މި ހާދިސާގައި 73 ކުދިން ޒަހަމްވެފައިވާ ކަމަށް ފަހުގެ ރިޕޯޓުތަކުން ދައްކައެވެ.
މި ހާދިސާގައި މަރުވި ކުދިންނަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން މަރުވާ ކުދިންގެ އަދަދު މިއަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.




