ހދ. ކުޅުދުއްފުށީ މާލި ޕެރޭޑުގައި ހިމެނުމަކީ، ލިބިލެއްވި ޝަރަފެއްގެ ގޮތުގައި ސަރުކާރު އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ސިފަ ކުރައްވައިފިއެވެ.
މުންދު މިފަދައިން ސިފަ ކުރެއްވީ، ކުޅުދުއްފުށީ މާލި ޕެރޭޑުގައި އިއްޔެ ނެރެފައިވާ މާއްޔެއްގެ ވީޑިއޯއެއް ފޭސްބުކްގައި ހިއްސާ ކުރައްވަމުންނެވެ.
އެ ވީޑިއޯއިން ފެންނަނީ މާސްކެއް އަޅައިގެން އިން މީހަކު، ޕޯޑިއަމްއެއް ފަދަ އެއްޗެއް ކައިރީގައި ގޮނޑިއެއްގައި އިށީންދެގެން އިން މަންޒަރެވެ.
އެ މީހާ އިށީންދެގެން އިންނަ ގޮތާއި، ”އާދެބަލަ ޒުވާބު ކޮށްލަން“ ކިޔާފައި ސްޕީކަރުން އިވެމުންދިޔަ އަޑުތަކަށް އަތުގެ ހަރަކާތްތައް ހިންގި ގޮތުން، އޭނާ އެ ދައްކުވައިދެނީ މުންދު ”ޕްރެސަރ ވިތު ސްޕޮކްސް“ ޕްރޮގްރާމުގައި ނޫސްވެރިންނާ ބައްދަލުކުރައްވާއިރު، އާންމުކޮށް އިންނަވާ ގޮތްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އަދި އެ ވީޑިއޯއަށް ކޮމެންޓުކުރި ގިނަ ފަރާތްތަކުން ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

”ކުޅުދުއްފުށީ މާލި ޕެރޭޑުގައި މީމްއެއް ގޮތުގައި ނަމަވެސް ހިމެނުމަކީ ލިބުނު މެޑަލެއް“ އެ ވީޑިއޯ ފޭސްބުކްގައި ހިއްސާ ކުރައްވަމުން މުންދު ވިދާޅުވިއެވެ.
މީގެއިތުރުން މުންދު ވިދާޅުވީ، މިއީ މިހާރު ނުބައިގޮތަކަށް މަޝްހޫރުކަން ރާއްޖޭގައި ހޯދަން ބައެއް ފަރާތްތަކުން ގޮސްފައިވާ މިންވަރު ކަމަށެވެ.
ކޮންމެ އަހަރެއްގައި ވެސް އަޟްހާ ޢީދާ ދިމާކޮށް ކުޅުދުއްފުށިން ނެރޭ މާލި ޕެރޭޑަކީ، އޭގެ ޒާތުގައި އެތަކެއް ރުހުމާއި ނުރުހުން ފެންމަތިވާ ޕެރޭޑެކެވެ. އެގޮތުން ބޮޑަށް ސިޔާސީ އެކި ފަރާތްތަކަށާއި ޤައުމުގެ ހާލަތުވެސް ބައެއް ފަހަރު ދައްކުވައިދޭ މި ޕެރޭޑާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދެކެނީ، އެއީ އެރަށު މީހުންގެ ހުނަރު ދައްކުވައިދޭ އަދި ނުހަނު މަޖާ ހަރަކާތެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި، މިއީ ކުޅުދުއްފުށީ މީހުން، ޢީދުގެ އުފަލުގެ ހަޤީޤީ މާނަ ގެއްލުވާލައި، މީހުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރާ ކަމެކެވެ.





1 Comment
ރައީސް ވެސް ނޫސްވެރިޔާ ކުރި ސުވާލު ޝަރަފެއް ގޮތަށް ނެގިނަމަ ވަރަށް ސަޅިވީސް. އަނގައެއް އޮތިއްޔާ ކާޅެއް ނުކާނޭ ދިވެހިން ބުނަނީ އެހެންވީމަ. އަސްލު ކުޅުދުއްފުށި އަކީ ޙަޤީޤަތް ހާމަކުރުމުގައި ލާމަސީލު މިސާލެއް. ސަރުކާރުގެ ތަރުޖަމާނު އެބުނީ ޝަރަފެކޭ، ދެން ބާކީ މީހުން ކީކޭ މިކިޔަނީ، ފުރައްސާރައޭ، ކިޔައިގެން ، ޤައުމުގެ ރައީސްގެ ފަރާތުން އެބުނަނީ ޝަރަފެކޭ، މިއީ މިއަންނަ އަހަރު އީދުގަ މިއަށްވުރެ ކުލަގަދަކޮށް މި މާލި ގެންދަން ނުވަތަ ފާހަގަކުރުމަށް ލިބުނު ހިތްވަރެއް. ޝުކުރިއްޔާ ކަލެއަށް.