މި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތަ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މެއި މަހުގެ މިހާތަނަށް ރާއްޖެއަށް 122،000 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ އައީ 119،000 ފަތުރުވެރިންނެވެ.
މި މަހު އެވްރެޖްކޮށް ދުވާލަކު ރާއްޖެއަށް އައީ 6،200 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ އަދަދު މި މަހު އިތުރުވާން ފެށި އިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ ހަތަރު ޕަސެންޓް ދަށްވެފައެވެ.
ރާއްޖެއަށް ފަތުރުވެރިން އައުން ދަށްވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ޔޫރަޕާއި މެދުއިރުމަތީ ގައުމުތަކުން ގަތަރައި ދުބާއީ މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުންނެވެ.
އާންމުގޮތެއްގައި ވެސް މެއި މަހު ޔޫރަޕްގެ މަންޒިލްތަކުން އަންނަ ފަތުރުވެރިން މަދުވެއެވެ.
މެއި މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާ އާއި އޭޝިއާގެ ގައުމުތަކުންނެވެ. އެހެންވެ، މިއީ ވެސް ޓޫރިޒަމް ރަނގަޅު ކަމަށް ހިސާބުތަކުން ދައްކާ އެއް ސަބަބެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 923،000 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއަށް 965،000 ފަތުރުވެރިން އައިސްފައިވެއެވެ.




