ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަޤާމުގައި މަސައްކަތްކުރެއްވި ލ.ދަނބިދޫ، ނިރިލި / އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، މަރުޙޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ޢަބްދުﷲ ޝަރީފަކީ، ލ.ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގައި ވަޒީފާތައް އަދާކުރެއްވި ހީވާގި ޚިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ، މަރުޙޫމަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވަަމުންނެވެ.
ޢަބްދުﷲ ޝަރީފް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އެމަނިކުފާނުގެ އުމުރުފުޅުން 69 އަހަރެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ




