އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 9:45 އާއި 10:15 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއްކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މިއަހަރުގެ އަޟްހާ ޢީދު މާލެ އާއި އަތޮޅުތެރޭގައި ވަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ.
އެގޮތުން މާލޭގައި ވަނީ ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން އާއިލި ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މާލޭ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކު ސަރަހައްދުގައި ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވާފައެވެ. އެމްއެންޑީއެފް އަދި ފުލުހުންގެ ސްޓޯލްތަކުގައި އެކި ކުޅިވަރުތައް، ޢީދު ދުވަހާއި ޢީދާއި ގުޅިގެން ބަންދުވި 3 ދުވަހު ހަވީރުވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި އަދި ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައިވެސް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއެކު ހަވީރެއް ކުރިއަށްގެންގޮސްފައެވެ. ހިޔާ ސަރަޙައްދުގައި އެމްއެންޑީއެފް އަދި ވެމްކޯއިން ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. ސެންޓްރަލް ޕާކުގައިވެސް އެމްއެންޑީއެފް، ޕޮލިސް، ޕީއެސްއެމް، އެޗްޑީސީ، ސްޓެލްކޯ، ވެމްކޯ، އެމްޕީއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީންވަނީ ކުޅިވަރުތަކާއެކު އިންތިޒާމުކޮށްފައެވެ.



