އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދުވެސް ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މި ދުވަސްވަރަކީ، ޢީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުންދާ ދުވަސްވަރައްވެފައި، ޢީދުގެ ކުޅިވަރުތައް ބަލާލުމަށް ވެސް މާލެއިން ގިނަ ބަޔަކު ވަނީ، އެކި ރަށްރަށަށް ގޮސްފައެވެ. އަދި ރަށްރަށުން އެތަށް ބަޔަކުވަނީ މާލެއަށް ވެސް އައިސްފައެވެ.
ބަންދު ދުވަސްތަކަކަށްފަހު މާދަމާއަކީ އަނެއްކާވެސް ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކާއި، ސްކޫލުތައް ހުޅުވޭ ދުވަހަށްވުމާއެކު، ޗުއްޓީއަށް އެކި ތަންތަނަށް ދިޔަ ފަރާތްތަކުން މިހާރުވަނީ އެނބުރި މާލެއަށް އަންނަން ފަށާފައެވެ. އަދި މާލެއަށް އައި މީހުންވަނީ އެނބުރި ރަށްރަށަށް ދާން ފަށާފައެވެ.
ޢީދު ބަންދަށް މީހުން ތަންތަނަށް ދަތުރުކުރަމުންދާއިރު، މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަކީ މުހިއްމު ކަމެއް ކަމުގައި މެޓް އޮފީހުން ހަނދާން ކޮށްދީފައިވެއެވެ.
ރާއްޖޭގެ މޫސުމަށް ބަލާލާއިރު، މިއަދުވެސް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި، ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.
އެ އިދާރާއިން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.




