އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު، މާލްބަރާ ހައުސްއަށް ކުރެއްވި ޒިޔާރަތުގައި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.
އަދި ކޮމަންވެލްތާއެކު އޮންނަ ގާތް ގުޅުމަށާއި ކޮމަންވެލްތުގެ އަސާސްތައް ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.
މީގެއިތުރުން ކޮމަންވެލްތުގައި މިހާރަށް ވުރެ ހިންގުންތެރި ދައުރެއް އަދާކުރުމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ ސޯޝަލް މީޑިއާގައި ވިދާޅުވީ، ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ގާތް ގުޅުން ބަލައިގަންނަ ކަމަށެވެ.




