ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މާސްޓާސްއަށް ކިޔަވަން ދޭ މި ސްކޮލާޝިޕްގެ ދަށުން އެމެރިކާގެ ޔުނިވާސިޓީއެއްގައި ކިޔަވަން ފަށާނީ އަންނަ އަހަރު ފަހުކޮޅު ގައެވެ.
މި ސްކޮލާޝިޕަށް އަންނަ ޖުލައި މަހުގެ 16 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭއިރު، ޖޫން މަހުގެ 8 ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ނިންމާފައިވެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ އެ ސެޝަންގައި ބައިވެރި ވެވޭނީ ކުރިން ރަޖިސްޓްރީކުރާ ފަރާތްތަކަށްކަމަށް ތައުލީމާއި މަތީތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުންޏެވެ.
އެމެރިކާގެ ފުލްބްރައިޓް ސްކޮލާޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ދިރިއުޅޭ ދިވެއްސަކަށް ވުމާއި، ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވުމާއި އިނގިރޭސިބަހަށް ފަރިތަވުމުގެ އިތުރުން ސްޓަޑީ ޕްލޭނަކާއި ރިކޮމެންޑޭޝަންތަކާ އެކު އޮންލައިންކޮށް އެޕްލިކޭޝަނެއް ހުށަހެޅުމެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މި މަހުގެ ތިން ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް އެމެރިކާގެ ސަރުކާރުން ހަމަޖައްސައިދޭނެ އެވެ. ނަމަވެސް އެމެރިކާއަށް ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަން ފާހަގަކޮށްފައިވެއެވެ. ދިމާވެދާނެ ދަތިތައް ކަމަށް އެމްބަސީން ފާހަގަކޮށްފައިވަނީ ސިއްހީ މައްސަލަތަކާއި ކޮންސިއުލާ ހިދުމަތްތަކަށް ބުރޫ އެރުން ފަދަ އެމެރިކާ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ފަދަ ސަބަބުތަކެވެ.



