ދެ އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ކުރީގެ ވެރިޔާ ހައިރާތު، ހުޅުމާލެ / އަލީ އަފްލަހު (27އ.) ގެ މައްޗަށް ހަ ދައުވާއެއްކޮށްފިއެވެ.
އަފްލަހު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު އުފުލިފައި ވަނީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އަފްލަހު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
މި ދައުވާތައް ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން، ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާތަކަކީ:
° ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ
° އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ
° މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާ
° އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާކުރުމުގެ ތުހުމަތުތައް އަފްލަހުގެ މައްޗަށް ކުރެވެން ފެށުމުން އޭނާ ހުރީ ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައުމުންނެވެ.



