ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް އަންނަ މަހުގެ 6ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނަށް ބޭނުންވާ ވޯޓުފޮށިތައް، އަންނަ ބުދަ ދުވަހުން ފެށިގެން ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ 4،121 މީހުންނަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 7 ވޯޓުފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި 5 ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު ފަރާތު އިމާރާތުގައި 2 ފޮށި ބަހައްޓާނެއެވެ.
އަންނަ ޖޫން މަހުގެ 6ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައް ވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ނުކުންނަވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މި އަހަރު ބޭއްވި އާންމު އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ޙުކުމާ އެއްގޮތަށް އަދާކުރަމުން ނުދާތީ، އޭނާގެ މެންބަރުކަމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.


