އެބޯލާއަކީ ކޮންޓްރޯލް ކުރެވިދާނެ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އެޑަނޮމް ގެބްރިއޭސަސް ވިދާޅުވެއްޖެއެވެ.
ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ޑރ. ޓެޑްރޯސް ވަނީ ގޮވާލައްވާފައެވެ.
ކޮންގޯގެ ވެރިރަށް ކިންޝާސާއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ، އޭނާ އެ ގައުމަށް ވަޑައިގަތުމުގެ މައިގަނޑު މަގްސަދަކީ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުން ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން އެ ސަރަހައްދުގެ މުޖުތަމައުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ބާރުއެޅުއްވިއެވެ.
ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންގޯއިން މިހާތަނަށް މި ބަލި ޖެހިފައިވާ 125 މީހަކު ވަނީ ކަށަވަރު ކުރެވިފައެވެ. މީގެ ތެރެއިން 17 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 906 ކޭސްއެއް ފެނިފައިވާއިރު، ބަލީގައި މަރުވި ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު ވަނީ 223 އަށް އަރާފައެވެ. އަވަށްޓެރި ޔުގެންޑާއިން ވެސް މި ބަލި ޖެހިފައިވާ 9 މީހަކު ފެނި، އެކަކު ވަނީ މަރުވެފައެވެ.
މިފަހަރު ފެތުރެމުންދަނީ އިބޯލާގެ ބާވަތެއް ކަމަށްވާ ”ބަންޑިބުގްޔޯ ވައިރަސް“ އެވެ. މި ވައިރަހަށް މިހާތަނަށް ރަސްމީކޮށް ފާސްކޮށްފައިވާ އެއްވެސް ފަރުވާއެއް ނުވަތަ ވެކްސިނެއް ނެތެވެ. ބަލި ފެތުރުން ހުއްޓުވުމަށް ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ބަލި ދެނެގަނެވުމުގެ ކުރިން އެތައް ހަފްތާއެއް ވަންދެން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައިވުމެވެ.
ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަތިޔާރު އެޅި ހަމަނުޖެހުންތަކާއި، ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ސިއްހީ އެހީތެރިންނަށް އެ ސަރަހައްދުތަކަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ބައެއް ރަނގަޅު ބަދަލުތައް ވެސް ފެންނަމުންދާ ކަމަށް ރިސާޗަރުން ބުނެއެވެ. އެގޮތުން ބަލި ކަށަވަރުވި މީހުންގެ ތެރެއިން އެކަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާއިރު، އިތުރު ފަސް މީހަކު ބަލިން ފަސޭހަވަމުންދާ ކަމުގެ ނިޝާންތައް ވަނީ ފެނިފައެވެ.
މި ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަންއިން ސިއްހީ ސާމާނު ފޮނުވަން ފަށާފައިވާއިރު، އެމެރިކާއިން ވަނީ ޖުމްލަ 112 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެކަން އިއުލާނުކޮށްފައެވެ.
ކޮންގޯގެ ހެލްތު މިނިސްޓަރު ސެމިއުލް ރޮޖާ ކަމްބާ ވިދާޅުވީ، ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވިދާނެ އާ ބޭސްތަކެއް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.




