ގއ. ގެމަނަފުށީގައި ވެސް ބިދޭސީންތަކެއްގެ ދެމެދުގައި ރޭ މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތޫނު އެއްޗެހި ބޭނުން ކޮށްގެން ދެ ބިދޭސީއަކު ގެމަނަފުށީގައި މާރާމާރީ ހިންގިކަމުގެ ރިޕޯޓު ރޭ 11:00 ހާއިރު ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި އަނިޔާވި ފަރާތަށް ގެމަނަފުށި ސިއްޚީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިިނގިލި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގްކުރަމުންނެވެ.
ގެމަނަފުށީގައި ރޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާއިރު، އިއްޔެ މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެސް ވަނީ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައެވެ.




