ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރަން މިއަދުގެ މެންދުރު 1:00 އަށް ޖަލްސާއެއް ތާވަލްކޮށްފިއެވެ.
މިއަދު އިތުރު ޖަލްސާއެއް ބާއްވާނެކަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވީ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލް ކޮށްފައި ވަނިކޮށް، އޭނާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވިކަން ހެނދުނުގެ ޖަލްސާގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އިއުލާން ކުރެއްވުމަށް ފަހު، އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ޖަލްސާ ނިންމަވައިލެއްވީއެވެ.
އޭގެ ފަހުން އިއުލާން ކުރެއްވީ މެންދުރު އެކެއް ޖަހާއިރު ޖަލްސާއެއް އޮންނާނެ ކަމަށެވެ. އެކަމަކު އެ ޖަލްސާގެ އެޖެންޑާ އިއުލާނެއް ނުކުރައްވަ އެވެ. ނަމަވެސް އެ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރުން ކަމަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީގެ އިސް މެމްބަރަކު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ނިމޭ ގޮތަށް ގަވާއިދުގައި ކަނޑައަޅާފައި ވިޔަސް ދައުރު ވަނީ މިއަދުގެ ނިޔަލަށް ދަންމާލާފައެވެ.



