ރާއްޖޭގެ ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ އަޒުމް އާ ކުރައްވާ ކަމަށެވެ.
ދުންފަތާއި ދެކޮޅަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އީ ސިނގިރޭޓު މަނާ ކުރުމުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރި ދުނިޔޭގެ ފުރަތަމަ ގައުމަށް ވުމާ ހަމައަށް، މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށެވެ.
”އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާޞިލުވުމަށް އަންނަނީ މަސައްކަތް ކުރެވެމުން. އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނަން. އަދި ޒުވާން ޖީލު މިވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ، ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަޙައްދުތައް ކަނޑައެޅުމާއި، ޤާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދުންފަތުން ރައްކާތެރި ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައިވެ އެވެ.
ދުންފަތާއި ދެކޮޅަށް މި ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެ އެވެ. އެ ގޮތުން ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ކަނޑައެޅުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ހިމެނެ އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ދުންފަތުން ލިބޭ ގެއްލުންތަކާއި މެދު ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ. މި އަހަރުގެ ޝިއާރަކީ ދުންފަތުގެ ހަގީގަތް ހާމަކުރަމާ، ނިކޮޓިން އާއި ދުންފަތުގެ ވަބާއިން ރައްކާތެރިވަމާއެވެ.




