ގައުމީ އެއާލައިން (މޯލްޑިވިއަން) ގެ ފްލީޓުގައި ބޭނުންކުރަމުންދާ ޑޭޝް8 ބޯޓުތައް އާ ކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު 2 އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
އިޔާސް މިހެން ވިދާޅުވީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން، ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ބޯޓުތައް، އޭޓީއާރުގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ، 2022 ވަނަ އަހަރުއެވެ. މި މަޝްރޫޢަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން އިޔާސް ވިދާޅުވީ، އިތުރު ދެ ބޯޓެއް ގެނައުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ.
އިޔާސް ވިދާޅުވީ، އަލަށް އޯޑަރު ދިން ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެވަނަ ބޯޓުވެސް އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެެވެ. މީގެ ސަބަބުން އެ ކުންފުނިން މިހާރު ބޭނުންކުރަމުންދާ ޑޭޝް 8 މަރުކާގެ ބޯޓުތައް ފޭސް-އައުޓްކޮށް، ފްލީޓް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ބޮޑުބައެއް ހާސިލްކުރެވޭނެކަން އިޔާސް ފާހަގަކުރެއްވިއެވެ.




