ގަދަ ވަޔާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ހިތަދޫ ހުޅުދުއާގެ އާއި އޯކަމްލިވާގޭގެ ފުރާޅު ރޭގައި ވަޔާ އެއްލާލުމާ ގުޅިގެން، ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
މިއަދު ހަވީރު 4:15 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އެމްއެންޑީއެފުން ބުނީ އައްޑޫ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެެއް މަގުތަކުގައި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރޭ މެންދަމު 3:45 އިން ފެށިގެން ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި އަދި މިހާރު ފެންގަނޑު ހިންދައި އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގދ. މަޑަވެއްޔަށް ވެސް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ވަނީ ފެން ހިންދާފައެވެ.




