ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީން އުޅުމުން އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްއާ އެކަމާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް އަދި ކުރާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އީދު ބަންދުގައި ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ނާޒިމްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަން ކުރެއްވި ދަތުރުފުޅެއް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުންނެވެ.
ނާޒިމް މަގާމުން ވަކިކުރަން މަޖިލީހަށް ގަރާރު ހުށަހެޅި ދުވަހު އޭނާ ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފަ އެވެ. ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ އީދުގެ ކުރިން މިދިޔަ ހޯމަ ދުވަހު އެވެ. މާލެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
ރައީސް އާއި ނާޒިމް ކުރެއްވި އެ ދަތުރުފުޅުގައި ސިންގަޕޫރުން ބައްދަލުކުރެއްވި ކަމަށާއި ނާޒިމް ރާއްޖެ އަނބުރާ ވަޑައިގަތުމަށް ނާޒިމުގެ ކިބައިން އެދިވަޑައިގެން، ރާއްޖެ ވަޑައިގަތަސް ހައްޔަރުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި ރައީސް ވިދާޅުވީ، އެއިން އެއްވެސް ވާހަކައެއްގައި ތެދެއް ނެތް ކަމަށާއި އެއީ ބުހުތާނު ދޮގަކަށް ވުރެ ވެސް ބޮޑު ދޮގެއް ކަމަށެވެ. ރައީސް ވިދާޅުވީ، އެ ތުހުމަތުތައް ކުރެއްވި ތަން ސޯޝަލް މީޑިއާގައި ދައުރުކުރި ވީޑިއޯއަކުން ފެނިފައިވާ ކަމަށާއި ފައިސާ ކޮޅެއް ދިނުމުން ވާހަކަދައްކާ މީހުންނާއި ނޫސްވެރިންގެ ލޭބަލް އަމިއްލައަށް އަޅުވައިގެން އުޅޭ ސިޔާސީ އެކްޓިވިސްޓުން ވެސް އުޅޭ ކަމަށެވެ.
ސިންގަޕޫރު ދަތުރުފުޅާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކުރައްވަން ޗުއްޓީއަކަށް ކަމަށާއި އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވީ އެކަމުގައި ކަމަށެވެ.
”އަޅުގަނޑެއް ނާޒިމާ އެކީގައި ދައްކާނެ ވާހަކައެެއް ވެސް، މަޝްވަރާއެއް ވެސް ނެގޯޝިއޭޝަނެއް ވެސް ނެތް. އެއީ އެކަމަށް ކުރި ދަތުރެއް ނޫން. މިކަމަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެ. މާލޭން ފުރިއިރު އަޅުގަނޑު ކުދިންނާއެކު ފުރި ތަން ފެންނާނެ ނޫންތޯ އެމްއޭސީއެލް މުވައްޒަފުންނަށް ވެސް،“ ރައީސް ވިދާޅުވިއެވެ.



