އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނާއި އެމެރިކާއިން އަނެއްކާވެސް ވައިގެ ޙަމަލާތައް ބަދަލުކުރަން ފަށައިފިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފްތާ ބަންދުގައި އީރާނުގެ ވައިގެ ޙަމަލާތަކުން ދިފާޢުވުމުގެ ނިޒާމެއްގެ އިތުރުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދޭން މަސައްކަތް ކުރި އީރާނުގެ ދެ ޑްރޯނެއް ވަނީ ވައްޓާލާފައެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުން ދަތުރުކުރި އެމެރިކާގެ އަސްކަރީ ޑްރޯނަކަށް އީރާނުން ޙަމަލާދީފައިވާ ކަމަށް ވެސް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ.
މި ޙަމަލާތަކާ ގުޅިގެން އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނީ، އީރާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ޙަމަލާދޭން ބޭނުންކުރި އެމެރިކާގެ އަސްކަރީ ބަނދަރަކަށް ރައްދުގައި ޙަމަލާދީފައިވާ ކަމަށެވެ. އީރާނުން އެއީ ކޮން ޤައުމެއްގައި ހުރި މަރުކަޒެއް ކަން ހާމަނުކުރި ނަމަވެސް، އީރާނުގެ ޑްރޯނާއި މިސައިލް ޙަމަލާތަކެއް އަމާޒުވި ކަމަށް ކުވޭތުން ވަނީ ކަށަވަރުކޮށްދީފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގައި، އޭޕްރީލް މަހުން ފެށިގެން ދެ ޤައުމުން ވެސް އޮތީ ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލަން އެއްބަސްވެފައެވެ. ސުލްޙައިގެ އެއްބަސްވުން ދާއިމީކޮށް، ހަނގުރާމަ ނިމުމަކަށް ގެންނަން ޕާކިސްތާނުން އިސްވެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކަށް އަދި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުގެ އަސްކަރީ ވަޞީލަތްތަކަށް ޙަމަލާދިން ފަހުން ވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އީރާނުން ވަނީ ރައްދުގައި ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ
ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ރެކޯޑު މިންވަރަކަށް އުފުލިފައިވާއިރު، އަލުން ޙަމަލާތައް ފެށުމާއެކު ތެލުގެ އަގު ވަނީ އިތުރު 3 އިންސައްތަ އުފުލިފައެވެ.




