ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާނާ ވާދަކޮށް 1-0 އިން ރާއްޖެ ބަލިވެއްޖެއެވެ.
މިއީ އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަފްޣާނިސްތާނުން މެޗު ޑޮމިނޭޓުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، ރާއްޖޭގެ އިބްރާހީމް އައިސަމް އާއި އަހުޒަމް ރަޝީދަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ރާއްޖެއިން އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އެރުވުމާއެކު ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އަފްޣާނިސްތާނުގެ ރޯމަން ފާޒީ ވަނީ އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދީ ލީޑު ހޯދައިދީފައެވެ.
މި މުބާރާތުގެ ދެން އޮންނަ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ޕާކިސްތާނާއެވެ. އަދި އަފްޣާނިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
މި މުބާރާތުގެ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.



