މިދިޔަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިހާތަނަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިދިޔަ އަހަރުގެ ބަޖެޓުގެ ނަތީޖާ ބަޔާން ނެރެފައެވެ.
އެ ބަޔާނުގައިވާ ގޮތުން 2024 ވަނަ އަހަރުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިދިޔަ އަހަރު 4.8 ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވެއެވެ. މިއީ %13.6ގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އަންދާޒާކުރި މިންވަރަށްވުރެ ވެސް އިތުރުވެފަ އެވެ.
އެގޮތުން 31 އޮކްޓޯބަރު 2024ގައި އެ މިނިސްޓްރީން ހުށަހެޅި ބަޖެޓު އަންދާޒާތަކުގައިވާ ގޮތުން، މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ 39.8 ބިލިއަން ރުފިޔާ އެވެ.
ނަމަވެސް އަހަރު ނިމުނުއިރު ލިބުނު އާމްދަނީ ވަނީ އަންދާޒާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރުވެފައެވެ.
ބަޔާނުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުމާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމެވެ. ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ މަދުވި ނަމަވެސް، އެހެން ދާއިރާތަކުން ލިބުނު އިތުރު އާމްދަނީއާ އެކު ޖުމްލަ އާމްދަނީ ވަނީ ބަޖެޓުގެ އަމާޒަށް ވާސިލުވެފައެވެ.



