ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް އަނެއްކާ ވެސް އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން މިދިޔަ ހަފުތާގައި ބުނީ މި އަހަރުގެ މިހާތަނަށް ނުވަ މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހު އެކަނި ވެސް ހަ މީހަކަށް ބަލި ޖެހިފައިވެ އެވެ.
އެ އިދާރާއިން މިއަދު ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު ދެ ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން، އެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.
ހިމަބިހީގެ އަލާމަތްތަކަކީ:
– ހުން އައުން
– ހަމުގައި ރަތް ބިހިތަކެއް ނެގުން
– ކެއްސުން
– ނޭފަތުން އަރިދަފުސް ފޭބުން
– ލޯ ރަތްވުން
އެ ބަލިން ރައްކާތެރިވާން ރާއްޖޭގައި ދެ ޑޯޒުގެ ވެކްސިން ޖަހަ އެވެ. ފުރަތަމަ ޑޯޒް ނުވަ މަހުގައި އަދި ދެވަނަ ޑޯޒު ޖަހަން ޖެހެނީ ކުއްޖާއަށް ދޮޅު އަހަރުގައެވެ.
އެޗްޕީއޭއިން މިހާރު އަންނަނީ ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވަމުންނެވެ.
ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެއެވެ.




