ރާއްޖޭން ލިބޭ ފަރުވާއެއް ހޯދުމަށް އާސަންދަ ސްކީމުގެ ތެރެއިން ބޭރަށް ފޮނުވަނީ އަލަކަށް ނޫން ކަމަށާއި އެ ކަން ކުރާނީ އޮންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ރޭގައި ވިދާޅުވެއްޖެއެވެ.
އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް އާންމުކޮށްފައިވާއިރު، އެ ގަވައިދުގައި ވަނީ ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކާއި ބަލި މީހާގެ ހާލަތަށް ރިއާޔަތްކޮށް، އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭނެ ކަމަށް ބުނެފައެވެ.
އެކަމަށް އިޝާރަތްކުރައްވައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮމެއްގައި ޒީނިޔާ ވިދާޅުވީ، އެކަން އާސަންދައިގެ ތެރެއިން ކުރަނީ އަލަކަށް ނޫން ކަމަށެވެ.
މިގޮތުން، ކުރިން ވެސް ހެދިފައި އޮންނަ އުސޫލުގެ ތެރެއިން ރާއްޖޭން ލިބެން ހުންނަ ފަރުވާތައް ހޯދަން ބޭރަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެ އޮންނަ އުސޫލެއްގެ ތެރެއިން ރާއްޖޭގައި (އެ ފަރުވާއެއް) ކުރެވުނަސް ވެސް އަޅުގަނޑުމެން އާސަންދައިން (ބޭރަށް) ފޮނުވާނެ އިނގޭތޯ. މިއީ އާ ކަމެއް ނޫން“ ޒީނިޔާ ވިދާޅުވިއެވެ.
މިސާލެއް ދައްކަވައި ޒީނިޔާ ވިދާޅުވީ، މައިބަދައިގެ އޮޕަރޭޝަން ދެ ފަހަރަށްކޮށް، ފެއިލްވެފައި ހުންނަ މީހުން ބޭރަށް ދިޔުމަށް ޑޮކްޓަރުން ލިޔެދޭ ކަމަށެވެ. މިގޮތުން، އެ ޚިދުމަތް ރާއްޖެން ލިބެން ހުއްޓަސް، އެ ހާލަތްތަކުގައި ބަލި މީހުން އާސަންދައިން ބޭރަށް ފޮނުވާނެކަން އޭނާ ކިޔައިދެއްވިއެވެ.



