މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޓީޑީސީގެ އާމްދަނީ އިތުރުކުރުމަށްޓަކައި އައު ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ، އިތުރު ރިސޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ރަސްމީކޮށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވީ، 2019 ވަނަ އަހަރަކީ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިވި އަހަރެއް ނަމަވެސް، އެ ދަތިތަކުން އަރައިގަނެ މިހާރު ކުންފުންޏަކީ ފައިދާވާ އަދި ހިއްސާދާރުންނަށް އެކަށީގެންވާ ނަފާއެއް ދެވޭ ފަދަ ކުންފުންޏަކަށް ބަދަލުވެފައިވާ ކަމަށެވެ.
ވޭތުވެދިޔަ އަހަރުގެ މާލީ ނަތީޖާއަށް އަލިއަޅުވާލައްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ނިޔާޒު ވިދާޅުވީ، ފާއިތުވި އަހަރަކީ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އެއް އަހަރު ކަމަށެވެ. އެގޮތުން ހުރިހާ ޚަރަދުތަކާއި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 30 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒުގެ ވާހަކަފުޅުގައި ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ކުންފުންޏަށް މައިގަނޑު އާމްދަނީއެއް ލިބެނީ ގދ. އަތޮޅުގައި ހިންގާ އަޔާޑާ މޯލްޑިވްސް އާއި ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށް ރިސޯޓުންކަން ފާހަގަކުރައްވާ އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.
”މިވަގުތު އެމްޓީޑީސީން ކުރިއަށްގެންދާ އެންމެ މުހިންމު ދެ މަޝްރޫޢަކީ އެކުންފުނީގެ އައު އޮފީސް އިމާރާތާއި ހދ. ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް. އޮފީސް އިމާރާތް ހުޅުވުމާއެކު އެމްޓީޑީސީއަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އަދި ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތްތައް ނިމުމާއެކު އެެހެން ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް އެކުންފުނިން ފަށާނެ“ ނިޔާޒު ވިދާޅުވިއެވެ.




