އެމްއެންޑީއެފުން ހިންގާ ނެޝަނަލް ސާވިސްގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އެ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން އެ ތަމްރީނަށް ބ.ކިހާދުއަށް މިއަދު ފުރައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދު ފުރީ 17 އަތޮޅެއްގެ 50 ރަށަކުން ތަމްރީނުގައި ބައިވެރިވާ 77 ކުއްޖެކެވެ. އެއީ އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ރައީސް އެ ޕޯސްޓުގައި ލިޔުއްވާފައިވާ ގޮތުގައި މި ޒުވާނުންނަށް ތަފާތު ހަ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ނެޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިން، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތި އަދި ފުރިހަމަ ސިއްހަތެއްގައި ހުރި ނަމަ ބައިވެރިވެވޭނެ އެވެ.
އެ ހިދުމަތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދެއެވެ.
މިދިޔަ އޮކްޓޯބަރުގައި ފެށި ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ޓްރެއިނިންގައި 350 ދަރިވަރުން ބައިވެރިވި އެވެ. އަދި މިދިޔަ ޖެނުއަރީ ފަހުކޮޅު ފެށި ދެވަނަ ބެޗްގެ ތަމްރީނުގައި ވެސް 350 ޒުވާނުން ބައިވެރިވި އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަ ކުރުވުމެވެ.




