ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ގެރެންޓީ ދީގެން ނެރުމަށް ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ފުރުސަތު ހުޅުވާލުމަށް ކުރާ މަސައްކަތެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ”ސީސީ“ އިން ”ސީސީސީ މައިނަސް“ އަށް މަތިކުރުމާ ގުޅިގެން ޒަމީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްގެ ސުކޫކަކީ މެދު ރާސްތާގައި އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީ.އެމް.އެލް ގުޅިގެންކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
”މީގެ ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން“ ފިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަސޭހަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



