ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލާގައި މިދިޔަ މަހު އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެފްޑީސީގެ އޮފިޝަލަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ފްލެޓު ކުއްޔަށް ދިން މައްސަލައިގައި އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް ލިޔުމުން އިންޒާރު ދީފައިވާ ކަމަށެވެ.
މީގެއިތުރުން އެފަދަ ދެ މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ފްލެޓު ކުއްޔަށް ދީގެން މީހަކު ޖޫރިމަނާ ކޮށްފައިވާކަން އެނގިފައިވީނަމަވެސް، ޖޫރިމަނާ ކުރި އަދަދު ހާމަކޮށްފައެއް ނުވެއެވެ.
އޮފިޝަލް ވިދާޅުވީ އެފްޑީސީގެ ހައުސިން ޔުނިޓްތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.




