ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު ޙައްޖާޖީން އެނބުރި ރާއްޖެ އަންނައިރު، އެ މީހުން ބަލިވެގެން ޑޮކްޓަރަށް ދެއްކޭނޭ އިންތިޒާމު ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި ފަހަރު ޙައްޖުވެރިންނަށް ޚާއްސަކޮށް ވަކި ފްލޫ ކްލިނިކްތަކެއް ގާއިމު ނުކުރި ނަމަވެސް، ހުރިހާ ހޮސްޕިޓަލެއްގެ އޯޕީޑީން ފަސޭހަކަމާ އެކު ފަރުވާ ލިބޭނެ އިންތިޒާމުތައް ވަނީ ފަހިކޮށްދީފައެވެ.
ޙައްޖުވެރިން ރާއްޖެ އެނބުރި އައުމަށް ފަހު ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރި ގޮތުގައި ނައްތާލުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ބަލީގެ އަލާމާތްތައް ހުރިނަމަ މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.
”އަޅުގަނޑުމެން މިދަނީ އެ ކަމާ ގުޅޭ ހޭލުންގެރިކަން އިތުރުކުރުމުގެ މައުލޫމާތު ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ފޯރުކޮށްދެމުން. ޙައްޖަށް ގޮސް އެނބުރި އަންނަ ފަރާތްތަކުން ރޯގާގެ އަލާމަތެއް ހުރި ނަމަ ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި“ އެޗްޕީއޭގެ މީޑިއާ އޮފިޝަލް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެއެވެ. ޑޮކްޓަރަށް ދައްކާއިރު އެއީ ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި، ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރުމުގައި ސަމާލުވުމަށް ވަނީ އެދިފައެވެ.




