ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ވަނީ މަތިކޮށްފައެވެ. އެގޮތުން ފިޗުން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ކުރިން ރާއްޖޭގައި އޮތް ”ސީސީ“ ރޭޓިންގ ”ސީސީސީ -”އަށް މަތިކޮށްފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި މިއީ ގޮންޖެހުންތައް ބޮޑު ދުވަސްވަރެއްގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އަދި ޒިންމާދާރު ލީޑަޝިޕްގެ ނަތީޖާކަން ވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސަޢީދުގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ މާލީ އިޤްތިޞާދީ ހަމަޖެހުން ގާއިމްކުރުުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އަލުން ރާއްޖެއަށް ލިބިފައިވާ ކަމަށާއި، މި ކާމިޔާބީއަށްޓަކައި ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށެވެ. އަދި މިއަދު މިކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.



