މ. ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު ހުކުމް ބާތިލުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
އީސީން ސުޕްރީމް ކޯޓުގައި އެ ގޮތަށް އެދުނީ، އިލެކްޝަންސްއާއި ޕީއެންސީގެ ކެންޑިޑޭޓަށް ރައްދުވާ ގޮތަށް އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރިއަތުގައެވެ.
ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުގެ އިންތިހާބު، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ.
އެކަމަކު، އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން މި މައްސަލަ، ހައިކޯޓުން ނިންމިއިރު، އިންތިހާބުގެ ނަތީޖާ އެނބުރި، އެމްޑީޕީން ހޯދި ގޮނޑިވަނީ ޕީއެންސީއަށް ފުރޮޅިފައެވެ.
މި މައްސަލައިގެ އަޑު އެހުން ސުޕްރީމް ކޯޓުން މިއަދު ނިންމާލިއިރު، މައްސަލައިގެ ތެރެއިން އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް މައްސަލަ ބަލާ ބެންޗުން އިއުލާން ކުރިއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމްއެވެ.
މިއަދުގެ ޝަރިއަތުގައި، ސުޕްރީމް ކޯޓުން އެދޭނަމަ، ވޯޓު ކަރުދާސްތައް ކޯޓަށް ހުށަހަޅަން ތައްޔާރަށް ތިބި ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ. މައްސަލަ ހުށަހެޅި، އަހްސަން ނައީމްގެ ފަރާތުން އަދި އިލެކްޝަންސްގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްދޭށެވެ. އެކަމަކު، ހައިކޯޓުގެ ހުކުމާއެކު ގޮނޑި ލިބުނު ޕީއެންސީގެ ކެންޑިޑޭޓް ނަޒީހުގެ ފަރާތުން އެދުނީ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައިދޭށެވެ.
އެ މައްސަލައައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަގުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިހާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިހާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.



