ރާއްޖޭގެ އިޤްތިޞާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ކުރިއަށްއޮތްތާގައި ކްރެޑިޓް ރޭޓިން ދަށްކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ވަނީ މަތިކޮށްފައެވެ. އެގޮތުން ފިޗުން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ކުރިން ރާއްޖޭގައި އޮތް ”ސީސީ“ ރޭޓިންގ ”ސީސީސީ -”އަށް މަތިކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސާއިދު މުސްޠަފާ ވިދާޅުވީ، ކްރެޑިޓް ރޭޓިންއަށް ލިބުނު މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ގެނެސްފައިވާ ރެވެނިއު ސައިޑް ރީފޯމްތައް ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބޭރު ފައިސާއާއި ގުޅޭގޮތުން ގާނޫނުގެ ދަށުން ތަންފީޒުކުރާ ކަންތައްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ސާއިދު ވިދާޅުވީ، މިއަހަރަކީ ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތަކެއް އައި އަހަރެއް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު މެދު ރާސްތާގައި ”ރޯބަސްޓްލީ“ ނުވަތަ ވަރުގަދަކޮށް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި މާލީ ވުޒާރާގެ އެސެސްމެންޓްތަކުންވެސް އިޤްތިޞާދު ރިބައުންޑްވެ، ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެ ލަފާކުރެވޭ ކަމަށެވެ.
ސާއިދު ވިދާޅުވީ، ފިޗުގެ ރިޕޯޓުގައި ރާއްޖޭގެ ދަރަނީގެ ޒިންމާތައް އަދާނުކުރެވިދާނެ ކަމުގެ ހިރާސް ކުޑަކަން ފާހަގަކޮށްފައިވާ ކަމަށެވެ. މީގެ ސަބަބެއްގެ ގޮތުގައި ސާއިދު ފާހަގަކޮށްފައިވަނީ ދައުލަތުގެ އާމްދަނީ އުފުލިފައިވުމާއި، ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ.
”މި ރޭޓިންގަ އެބޭފުޅުން މި ފާހަގަކުރައްވަނީ ކުރިއަށްއޮތްތާގައި ރޭޓިން ދަށް ކުރެވޭނީ ހަމައެކަނި ދަރަނި އަދާކުރުމުގައި ތާށިތަކެއް އަންނަ ކަމުގައިވާނަމަ، ނުވަތަ ދައުލަތުގެ ދަރަނިތައް އަދާކުރުމަށް ދައްޗެއް ވާނަމަ. އެކަމު އެފަދަ ހާލަތެއް ދެންއައުން އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ކުރު ރާސްތާގައި ފެންނަނީ ވަރަށް ނާދިރުކަމެއްގެ ގޮތުގައި. އެއީ ދަޢުލަތުގެ އާމްދަނީ ވަަނީ އުފުލިފައި“ ސާއިދު ވިދާޅުވިއެވެ.




