މައްސަލައެއް ދިމާނުވެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނަމަ ގަޑިއަށް ވޯޓުފޮށިތައް ބަންދު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން، އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ވިދާޅުވީ، ބައި އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާން ކަމާއެކު ކުރިއަށްދާ ކަމަށެވެ.
”އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުން އިންތިޚާބު ބޭއްވެނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށްވާތީވެ، ހާއްސަކޮށް އަޅުގަނޑުމެންގެ ކޮންޓްރޯލް ނެތް ކަމެއް ނުވަތަ ކާރިސާއެއް ނުހިނގާނަމަ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާއި ހަމައަށް. ކޮމިޝަންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބޭފުޅުން ހެނދުނު ވަގުތު ވަޑައިގެން ވޯޓުލައްވާ ޤާނޫނީ ޒިންމާ އަދާކުރެއްވުން“ އަބްދުއްރަހްމާން ސަލާޙް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ލިއުމެއް ގެންދެވޭކަން ޔަޤީން ކުރުމަށް އިލްތިމާސްކޮށްފައެވެ. ވޯޓުލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑު، ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެވެ. މި ލިއުންތައް ގެންދާއިރު މުއްދަތު ހަމަވެފައިވާނަމަ ވޯޓުލުމުގެ ފުރުސަތު ނުލިބުން އެކަށީގެންވާކަމަށް އެކޮމިޝަނުން ފާހަގަކުރައްވައެވެ.
މީގެއިތުރުން އީސީން ވަނީ އިންތިޚާބު ކުރިއަށްދާއިރު ކެމްޕެއިން ކުރުން މަނާ ގަޑިތަކަށް ސަމާލުވެ، އިންތިޚާބުގެ ވަގުތު ކެމްޕެއިންގެ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނުގެ ތެރެއިން ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކޮމިޝަނުން ވަނީ އެދިފައިވެއެވެ.


