މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ފައިދާ 19 ޕަސެންޓަށް ދަށަށް ހިނގައްޖެއެވެ.
އެ ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ ތިން މަހު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 178،389 ޑޮލަރު (2.8 މިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި 219،282 ޑޮލަރު (3.4 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. އެހެންވެ މިއީ ހަ ލައްކަ ރުފިޔާގެ ވެއްޓުމެކެވެ.
ކުންފުނީގެ ފައިދާ ދަށްވެފައިވަނީ އާމްދަނީ ދަށަށް ދިއުމާ އެކު ކުންފުނީގެ ހަރަދުތައް ވެސް އިތުރުވުމުންނެވެ. އެކުންފުންޏަށް ފުރަތަމަ ކުއާޓާގއި 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބުނެވެ. އަދި ކުންފުނީގެ ހިންގުމާއި މުވައްޒަފުންގެ ހަރަދުތަކަށް 490،122 ޑޮލަރު (7.7 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު އެމްޓީޑީސީއަށް ވަނީ 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) ފައިދާގެ ގޮތުގައި ލިބިފައެވެ.
އެމްޑީޓީސީއަށް 11 އަހަރަށް ފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރު އެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ. އެމްޓީޑީސީ އަށް އާމްދަނީ ލިބެނީ ޓޫރިޒަމްގެ ބޭނުންތަކަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ދީގެންނެވެ. އެކަމަކު އެކުންފުންޏަށް ލިބެނީ އަދިވެސް ވަރަށް ކުޑަ ފައިދާ އެކެވެ.



