އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް، އިސްރާއީލުން ޖާސޫސުކުރާ މިންވަރު އިތުރުވެފައިވާތީ އެމެރިކާގެ ސަލާމަތީ ބާރުތަކުން އެލާޓް ލެވެލް މަތިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެންބީސީ ނޫހުން ބައެއް މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެމެރިކާގެ ދިފާއީ ވުޒާރާގެ ދަށުން ހިންގާ ޖާސޫސީ އިދާރާއިން އިސްރާއީލުގެ ފަރާތުން އޮތް ނުރައްކާ މިހާރު ވަނީ އެންމެ މަތީ ދަރަޖައަށް މަތިކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުންފުޅު ހުރި ގޮތް ދެނެގަތުމަށްޓަކައި، އެމެރިކާ ސަރުކާރުގެ ދިފާއީ އިސް އޮފިޝަލުންނަށް އިސްރާއީލުން ޖާސޫސުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ދިފާއީ ވުޒާރާގެ ތެރޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ރިޕޯޓުތައް ބުނާގޮތުން، އިސްރާއީލުގެ ނުތަނަވަސްކަން އިތުރުވެފައިވަނީ ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި އުދުވާނީ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން ޓްރަމްޕް ކޯފާއިސްކުރައްވައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހަޑިހުތުރު ބަހުން މުޚާތިބުކުރައްވާފައިވަނިކޮށެވެ.
އެންބީސީ ނޫހުން އިތުރަށް ބުނެފައިވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޓްރަމްޕްގެ ވިސްނުންފުޅު ހުރި ގޮތް ދެނެގަތުމަށް އިސްރާއީލުން ބޭނުންވާ ކަމަށެވެ. ޚާއްޞަކޮށް، އީރާނާ ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ހަމަލާދޭން ފަށާނީތޯ ނުވަތަ މަޝްވަރާގެ ތެރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނީތޯ އޮތް ސުވާލަށް ޖަވާބެއް ހޯދުމަށް އެމެރިކާގެ އިސް އޮފިޝަލުންނަށް ޖާސޫސުކުރުމުގެ އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް އެ ނޫހުން ބުނެއެވެ.
މި ހުރިހާ ތުހުމަތުތަކެއް މިގޮތަށް ހުރި ނަމަވެސް، އިސްރާއީލުން ޖާސޫސުކުރާތީ އެ ގައުމާ ދެކޮޅަށް އެލާޓް ލެވެލް މަތިކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ރަސްމީކޮށް ދޮގުކޮށްފައެވެ.




