ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގައި އަޅުގަނޑުމެން އެންމެންގެވެސް ދައުރެއް އޮންނަކަމަށާއި އެކަން ކަށަވަރުކުރުމަކީ އެންމެގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާ އަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ މަސައްކަތުގައި ސިއްޙީ ދާއިރާގައި ގިނަ އަހަރު ޚިދުމަތްކުރައްވާފައިވާ ފުޑް ސައިންޓިސްޓެކެވެ. އެކަމަނާ ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރާއިރު، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމަށާއި ދިރިއުޅުމަށް އުފުލޭ ބުރަ ކުޑަކުރުމުގައި ރައްކާތެރި ކާނާ މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން ކުރަން ޖެހޭ ކަމެއްކަމަށާއި، އެގޮތުން ކާބޯތަކެތި އުފައްދާ، އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެތަކެތި ބޭނުންކުރާ މީހުންވެސް އެބޭނުންކުރާ ކާނާގެ ބާވަތްތަކަކީ ރައްކާތެރިގޮތުގައި އުފައްދާ އަދި ތައްޔާރުކޮށް ރައްކާކުރެވިފައި ހުންނަ ބާވަތްތަކެއްކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކެއުމަށް ބޭނުންކުރާ ބާވާތްތަކަކީ ތަޣައްޔަރުވެ ސިއްހަތަށް ގެއްލުނުވާފަދަ ތަކެތި ނޫންކަން ކަޑަވަރުކުރުމުގައި ކޮންމެ މީހެއްގެ ދައުރެއް އޮންނަކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
އާންމު ސިއްހަތު ރައްކާތެރިކޮށް، ދުޅަހެޔޮ މުސްތަޤްބަލެއް ބނާކުރެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކޮށް އެކަމަށް އެހީތެރިވެގެންކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.



