ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ނަތީޖާ ނެރެފައި ވަނީ ކުރީގެ ސަރުކާރުގައި އެމްޑީޕީން އަމަލުކުރި ފަދައިން މުޅި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫންކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ތިން ރައީސުން އެކުވެގެން އުފައްދަވާފައިވާ ކޯލިޝަނުން ގުޅިގެން ކުރި މަސައްކަތުން ވެސް، މި އިންތިޚާބުގައި ޕީއެންސީއާ ދެމެދު ނެރެވުނީ އެންމެ 62 ވޯޓުގެ ތަފާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕީއެންސީން އިންތިޚާބުތަކާ ކުރިމަތިލަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކަންކުރި އުސޫލުން ނޫންކަން ބަޔާންކުރައްވަމުން، ޝުޖާއު ވަނީ މާޒީގެ ބައެއް ހާދިސާތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި ބޭއްވި ށ. ކޮމަންޑޫ ދާއިރާއާއި ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންތައް ކާމިޔާބުކުރުމަށްޓަކައި އެ ޕާޓީން ވަނީ ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށް، އިންތިހާއަށް ނުފޫޒު ފޯރުވައި، މުޅި ދައުލަތް އެ ދާއިރާތަކަށް އޮއްސާލާފައެވެ.
ހިތަދޫ އުތުރު ދާއިރާގައި މި ސަރުކާރުން ނުފޫޒު ފޯރުވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވަމުން ޝުޖާއު ވިދާޅުވީ، އާސަންދައާއި އެންސްޕާ ފަދަ މުއައްސަސާތަކުގެ ވެރިން ލެޕްޓޮޕްތައް ހިފައިގެން ރަށަށް އަރައި، ވަޒީފާތަކާއި މަގާމުގެ ކުރިއެރުންތައް ބަހައިގެން ވޯޓު ހޯދުމުގެ ސަގާފަތަށް ޕީއެންސީން އަމަލުނުކުރާ ކަމަށެވެ. އަދި އިދިކޮޅު ތިން ރައީސުން ގައުމުގެ މަސްލަހަތު ނަގާލުމަށް މަސައްކަތްކުރައްވާއިރު، ރައީސް މުޢިއްޒު އަވަސްވެވަޑައިގަންނަވަނީ އެ ބޭފުޅުން ނަންގަވާފައިވާ ދަރަނިތައް ޚަލާޞްކުރައްވައި، ރާއްޖޭގެ އިޤުތިޞާދީ ރޭޓިންގ ރަނގަޅުކުރެއްވުމަށް ކަމުގައި ވެސް މެންބަރު ޝުޖާއު ވިދާޅުވިއެވެ.





1 Comment
އިންތިހާބެއްގަ މޮޅުވާން ބޭނުންވާނެ ކޮންމެ ބަޔަކުވެސް. 01 ވޯޓް އިން ބަލިވިޔަސް އެވާނީ ހަމަ ބަލިވީކަމަށް. ބާރަށު މައިކުމެންނަށް އޮޅިގެން އަދި ތިއުޅެނީ.