ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމުގައި މަޖިލިހުން ހާމަކޮށްފިއެވެ.
އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސަތުން އިއުލާންކޮށްފައިވާ ގޮތުން، އެއް ހަފްތާގެ މެދުކެނޑުމަށް ފަހު ދެން ޖަލްސާއެއް ބާއްވަނީ މާދަމާއެވެ. އެހެންވެ މިދިޔަ ހަފްތާގައި އިތުރު ޖަލްސާއެއް ނުބާއްވައެވެ.
ނަމަވެސް މަޖިލީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.
މި ހަފްތާގައި ޖަލްސާތައް ނުބާއްވަން ނިންމީ ކީއްވެގެންކަމެއް އަދި އެނގިފައެއް ނުވެއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ޖަލްސާތައް ބާއްވަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން، މިއަހަރުގެ ދެވަނަ ދައުރު ފެށުނީ މިދިޔަ ހޯމަ ދުވަހު އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހަމަވެ، ދެ ހަފްތާގެ ޗުއްޓީއަކަށް ދާން އޮތީ މިދިޔަ މެއި މަހުގެ 14 ގައެވެ. ނަމަވެސް ޗުއްޓީއަށް ނުގޮސް، މިދިޔަ މަހުގެ ނިޔަލަށް ދައުރު ދިގު ދަންމާލި އެވެ. އެއީ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.




