ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް 100 ދުވަސް ފުރިފައިވާއިރު، މި ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 7,000 އަށް ވުރެ މަތިވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި ހަނގުރާމައިގައި އީރާނަށް ވުރެ ބޮޑަށް ގެއްލުން ލިބިފައިވަނީ ލުބްނާނަށެވެ.
ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުالله އާއި ޔަހޫދީންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވީ، ފެބްރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މީގެ ރައްދުގައި މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޙިޒްބުالله އިން ވަނީ އީރާނަށް ވާގިވެރިވުމުގެ ގޮތުން ހަމަލާތައް ދޭން ފަށާފައެވެ. މިހާތަނަށް ލުބްނާނުން 3,593 މީހުން ޝަހީދުވެފައިވާއިރު، އީރާނުން ޝަހީދުވި މީހުންގެ އަދަދަކީ 3,468 އެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވެސް ވަނީ ގަލްފުގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި ގަލްފުގެ ގައުމުތަކުން 29 މީހުން ޝަހީދުވެފައިވާއިރު، އެމެރިކާގެ 13 ސިފައިންނާއި ޔަހޫދީންގެ 26 މީހަކު ވަނީ މަރުވެފައެވެ.
ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެއްގައި ލުބްނާނާއި ޔަހޫދީން ސޮއިކުރި ނަމަވެސް، ޔަހޫދީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފައެވެ. ޔަހޫދީ ފައުޖުތަކުން ވަނީ ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަހައްދަކަށް އެއްގަމު މަގުން ވަދެގަނެ، އެ ގައުމުގެ ފަސް ބައިކުޅަ އެއްބައި ބިން މިހާތަނަށް އިސްތިއުމާރުކޮށްފައެވެ.
ހަނގުރާމައާ ގުޅިގެން އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ކުރިން ދުވާލަކު 100 އަށް ވުރެ ގިނަ މުދާ އުފުލާ އުޅަނދު ދަތުރުކުރި މި ކަނޑުއޮޅިން މިހާރު ދަތުރުކުރަނީ އެންމެ 7 އުޅަނދެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
ހަނގުރާމައިގެ ކުރިން 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށް ވުރެ މަތިވެފައެވެ. ދުނިޔޭގެ ހަކަތައާ ބެހޭ އިދާރާ (އައިއީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ތެލުގެ އަގު އުފުލުމުގެ ސަބަބުން ދުނިޔޭގެ 146 ގައުމަކުން މިހާތަނަށް ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.



