ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓަރު ޒަމީރުގެ އިސްތިއުފާ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިހާރު ވަނީ ފޮނުއްވާފައެވެ.
މިނިސްޓަރ ޒަމީރު މަގާމުން އިސްތިއުފާ ދެެއްވާފައިވަނީ ސިއްހީ ސަބަބުތަކާ ގުޅިގެން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އޭނާގެ ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.
ފިނޭންސް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޒަމީރުގެ މިނިސްޓަރު ކަމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިފަހުގެ ތާރީހެއްގައި ރާއްޖެއިން ދައްކަން ޖެހުނު އެންމެ ބޮޑު ބޭރުގެ ދަރަނި ކަމަށްވާ ދުނިޔޭގެ މާލީ ބާޒާރަށް ރާއްޖެއިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާ ހަލާސްކުރުމެވެ. އެއީ، 525 މިލިއަން ޑޮލަރެވެ.
އެކަމާ ވިދިގެން މާލީ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ރޭޓިން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީ އިން ސީސީސީ މައިނަސްއަށް މަތިކޮށްފަ އެވެ.



