އއ. ހިމަންދޫގެ ކަނޑުމަތީގައި ފުލުހުން ހިންގި، މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުސް އޮފިސަރެއް ގެއްލިގެން ހޯދަމުން ދަނިކޮށް، ނިޔާވެފައި އޮއްވާ މޫދު އަޑިން ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ”ޕޮލިސް ލޯންޗް 57“ ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލުނު ކަމަށެވެ.
މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އެގޮތުން އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާއި ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއަރ ސާޖަންޓް އަހުމަދު އާސިފް (33އ.) އެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އޭނާއާ އެކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމުގައި ވެސް ވިދާޅުވިއެވެ.
އެމީހާ ހޯދުމުގެ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




2 Comments
އިންނާ ލިއްލާހި ވައިންނާ އިލެހި ރާޖިއޫން މައްޔިތާއަށް ސުވަރުގޭ ދާއިމީ ނިއުމަތް ލައްވާށިއެވެ.
މިފަދަ ހާދިސާތަކުގައި ކަންވީގޮތް ރަގަޅުނޫންނަނަ އަބަދުވެސް މަސައްކަތް ކުރެވެނީ ފަސްއަޅާ ފޮރުވާލުމަށްށެވެ، އޮޅުން ފިލުވާން ބޭނުންވާ، ސުވާލު އުފެދޭ އެތަށް ކަމެއް އެބަ ފަހުމުވެއެވެ.