ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މާނައާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން“ މި މައުޟޫއަަށް ދިން ހުތުބާގައި ފާހަގަކުރި ގޮތުގައި ހިޖުރައިގެ އެންމެ އާންމު މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުން ކަމަށް ވިޔަސް، އޭގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ.
މިކަމަށް ބާރުދީ ހުތުބާގައި ވަނީ ރަސޫލާގެ ﷺ ހަދީޘްފުޅެއް ބަޔާންކޮށްފައެވެ. އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯ މީހަކު ސުވާލު ދެންނެވުމުން ރަސޫލާ ﷺ ހަދީޘްކުރެއްވީ، ”އެއީ ތިބާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ.“ މިއީ މިއަދުގެ މުޖުތަމައުގައި ކޮންމެ މީހަކުވެސް އަމަލީ ގޮތުން ދައްކަންޖެހޭ ރީތި ނަމޫނާއެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ހިޖުރައިގެ ދަތުރުފުޅަކީ ދީނަށްޓަކައި ވީ މަތިވެރި ގުރުބާނީއެއްކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ރަސޫލާ ﷺ އެކަލޭގެފާނު އުފަންވި ރަށާއި އާއިލާ ދޫކުރައްވައި ނުކުމެވަޑައިގަތީ އިސްލާމްދީނުގެ ދިފާއުގައި ކަމަށެވެ. މައްކާއިން ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ހަދީޘްކުރެއްވީ، މައްކާއަކީ ﷲގެ ބިމުގެ ތެރެއިން އެންމެ ހެޔޮ އަދި އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ބިން ކަމަށާއި، އެ ރަށުން ނެރެނުލެވުނު ނަމަ ނުކުމެވަޑައިނުގެންނެވީމުސް ކަމަށެވެ.
މީގެ އިތުރުން، އުންމު ސަލަމާއާއި އަބޫސަލަމާގެ ހިޖުރައިން ފެނިގެންދިޔަ އާއިލީ ގުރުބާނީއާއި، ޞުހައިބުއްރޫމީ އެކަލޭގެފާނުގެ މުޅި މުދާ ﷲގެ މަގުގައި ދޫކޮށްލެއްވުމަށްފަހު ކުރެއްވި ހިޖުރައަކީ މިއަދުގެ މުސްލިމުން އިބުރަތް ހާސިލުކުރަންޖެހޭ ކަންކަން ކަމުގައި ހުތުބާގައި ބުންޏެވެ.
ކަމެއް ކާމިޔާބު ކުރުމުގައި ފުރިހަމައަށް ރޭވުމާއި މަސައްކަތްތައް ބަހާލުމުގެ މުހިންމުކަން ހިޖުރައިގެ ދަތުރުފުޅުން ފެނިގެންދާ ކަމަށް ހުތުބާގައި ބުންޏެވެ. އަބޫބަކުރުގެފާނު ހަތަރު މަސް ކުރިން ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރިއްކޮޅު އެރުވުމުގެ ޒިންމާ ނެންގެވުމަކީ ފުރިހަމަ ރޭވުންތެރިކަމުގެ މިސާލުތަކެވެ.
ހުތުބާ ނިންމާލަމުން ބުނީ، ދަތި އުނދަގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ދެމިތިބެންޖެހޭނެ ކަމަށެވެ.
ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ހިނދު، ﷲ ވޮޑިގެންވަނީ އެބޭކަލުންނާއެކު ކަމަށް ރަސޫލާ ދެއްވި ޔަގީންކަމަކީ ކޮންމެ މުސްލިމަކުވެސް ކޮންމެ ހާލަތެއްގައި ހަނދާންކުރަންޖެހޭނެ ފިލާވަޅެއް ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.



