ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްގެ ބޯޓަކަށް ހޮނުއެޅުމުގެ ސަބަބުން، ރޭ ދަންވަރު އެމަޖެންސީގައި އަނބުރާ ކަޓުނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ޔޫއެލް 606 ފްލައިޓަށެވެ.
އެ އެއާލައިނުން މައުލޫމާތު ދިން ގޮތުގައި، ބޯޓު ފުރައިގެން ދިޔަތާ މާގިނައިރުތަކެއް ނުވަނީސް ބޯޓުގެ އިންޖީނަށް ވަނީ ހޮނު އަޅާފަ އެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕައިލެޓުން ވަނީ ބޯޓު އަނބުރާ ކަޓުނަޔަކަ އެއާޕޯޓަށް ޑައިވާޓްކޮށް، ކުއްލި ހާލަތުގައި ޖައްސާފަ އެވެ.
ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަދި ފަޅުވެރިއަކަށްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި ބޯޓު ބަލައި ފާސްކުރިއިރު، ހޮނުއެޅުމުގެ ސަބަބުން ބޯޓަށްވެސް އެއްވެސް ފަންނީ ގެއްލުމެއް ލިބިފައިނުވާކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.
މި ހާދިސާއާ ގުޅިގެން ބޯޓުން ދަތުރުކުރި ފަސިންޖަރުން އެހެން ބޯޓަކަށް ބަދަލުކޮށް، މިހާރު ވަނީ އޮސްޓްރޭލިއާއަށް ފޮނުވާލާފައެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން ފަސިންޖަރުންގެ ދަތުރު ވަނީ ތާވަލުކުރި ވަގުތަށްވުރެ ފަސް ގަޑިއިރަށްވުރެ ބޮޑަށް ލަސްވެފަ އެވެ.




