ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަޤާމަށް އަލުން ހުޅުވާލީ މިދިޔަ މެއި މަހު ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިސްލާޙާ ގުޅިގެންނެވެ.
ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި މުހިންމު އިސްލާޙުތަކުގެ ތެރޭގައި، އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަސާސީ ޕެންޝަން ނުލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އިންތިޚާބީ މަޤާމެއްގައި ހުންނަ ފަރާތްތަކާއި ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާގައި ތިބޭ ފަރާތްތަކަށްވެސް އަސާސީ ޕެންޝަން ނުލިބޭނެއެވެ.
މި އިސްލާޙުގެ ދަށުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ އިތުރު ދާއިރާތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ގޮތް ހަމަޖެއްސުމާއި، ޙައްޖުގެ އަޅުކަމަށް ޖާގަ ރިޒާވްކުރުމަށް ފައިސާ ބޭނުންކުރެވޭނެ ގޮތް ހިމެނެއެވެ.
އަދި ބޮޑު ބައްޔެއް ނުވަތަ ’ޓަރމިނަލް އިލްނަސް‘ އެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް، އެމީހެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ޓަރމިނަލް އިލްނަސްގެ ގޮތުގައި ބަލަނީ ބައްޔެއްގެ ސަބަބުން 12 މަސްދުވަހަށްވުރެ އިތުރަށް ދިރިހުރުމުގެ ފުރުސަތު ކުޑަކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާ ހާލަތްތަކުގައެވެ.
އައު ސީއީއޯގެ މައިގަނޑު މަސްއޫލިޔަތަކީ ޤާނޫނަށް ގެނައި މި ބަދަލުތައް ތަންފީޒުކޮށް، އޮފީހުގެ ހިންގުން ހަރުދަނާކުރުމެވެ.
މި މަޤާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.



