ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓެލެގްރާމް އިންޑިއާގައި ވަގުތީ ގޮތުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ނިންމުން ނިންމާފައިވަނީ އިންޑިއާގެ މެޑިކަލް އެންޓްރެންސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން މަކަރު ހެދުމަށް ޓެލެގްރާމް ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އެގޮތުން، އިމްތިހާނުގެ އަސްލު ސުވާލު ކަރުދާސްތަކާއި، އޮޅުވާލުމުގެ ނިޔަތުގައި ފަތުރާ ފޭކް ސުވާލު ކަރުދާސްތައް ވެސް ޓެލެގްރާމް ގްރޫޕްތަކުގައި ފުޅާދާއިރާއެއްގައި ދައުރުކުރަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ވަގުތީ ފިޔަވަޅެއް އަޅަން ޖެހުނީ ކުރިއަށް އޮތް އިމްތިހާނުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، ކެންޑިޑޭޓުންނަށް ކުރިމަތިވެދާނެ އޮޅުވާލުންތަކުންނާއި މަކަރުވެރި އަމަލުތަކުން އެކުދިން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.
ޓެލެގްރާމް މަނާކުރުމުގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ އެ އެޕްލިކޭޝަނުގައި ހިމެނޭ މެސެޖް އެޑިޓްކުރާ ފީޗާ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ބޭނުން ނުކުރެވޭ ގޮތަށް ހަދައިދިނުމަށް ވެސް ޓެލެގްރާމް ކުންފުނީގައި އެދިފައެވެ.



