ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި 0-6 ގެ ނަތީޖާއަކުން ގަތަރު ބަލިކޮށް ކެނެޑާއިން އެ ގައުމުގެ ތާރީހުގައި ވެސް ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިއީ ވޯލްޑް ކަޕް ތާރީޚުގައި ކެނެޑާ މޮޅުވި ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވީ ޖުމްލަ ތިން ފަހަރެވެ. އެއީ 1986 ވަނަ މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕާއި 2002 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕާއި މިފަހަރުގެ ވޯލްޑް ކަޕްގައެވެ. މީގެކުރިން ބައިވެރިވި ދެ ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ.
ކެނެޑާގެ ބީސީ ޕްލޭސް ވެންކޯވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކެނެޑާގެ ޖޮނަތަން ޑޭވިޑް ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއިން ތިން ލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު ކައިލް ލެރިން ކާމިޔާބުކޮށްދިންއިރު، ދެން ޖެހި ދެ ލަނޑު ކާމިޔާބުކުރީ ޑޭވިޑެވެ. މި ހާފުގެ ތެރޭގައި ގަތަރުގެ ހުމާމް އަލްއަމީނަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމަށް ކުޅުންތެރިއަކު މަދުވިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ގަތަރުގެ އާސިމް މަޑީބޯއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެން، އެ ޓީމު މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ނުވަ ކުޅުންތެރިންނާއެކުއެވެ. މި ހާފުގައި ކެނެޑާގެ ނޭތަން ސަލީބާ ލަނޑެއް ޖެހިއިރު، ގަތަރުގެ މުޙައްމަދު އަލް މަނާއީ އަތުން ބައިކޮޅަށް ލަނޑެއް ވަނެވެ. މެޗުގެ އިތުރު ވަގުތުގައި ޑޭވިޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މޮޅާއެކު ކެނެޑާ ވަނީ ގްރޫޕް ބީގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ކެނެޑާ އާއި ދެވަނައިގައި އޮތް ސްވިޒަލެންޑަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވީ ނަމަވެސް، ކެނެޑާއަށް ކުރި ލިބުނީ ޖެހި ލަނޑުގެ ތަފާތުންނެވެ.




