ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ އެންމެ ފުރިހަމަ ދަރަޖައަކީ އެ ދުވަހާއެކު އޭގެ ކުރީ ދުވަހާއި ފަހު ދުވަހު ރޯދަ ހިފުން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ޚާއްޞަކޮށްފައިވަނީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހުގެ މާތްކަމާއި އެ ދުވަހާ ގުޅިފައިވާ މުހިންމު ފިލާވަޅުތަކުގެ މައްޗަށެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ދުވަހެވެ. އެ ދުވަހު މޫސާގެފާނު ރޯދަފުޅު ހިއްޕެވީ الله تَعَالَىއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވިއިރު ޔަހޫދީން އެ ދުވަހު ރޯދަހިފާކަން އެނގިވަޑައިގަތުމުން، މޫސާގެފާނަށްޓަކައި އެކަން ކުރުން މާ ޙައްޤުކަން ބޮޑީ މުސްލިމުންނަށް ކަމަށް ޙަދީޘްކުރައްވައި، އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ.
ރޯދަހިފުމުގެ ދަރަޖަތައް
ޢާޝޫރާ ދުވަހު ރޯދަހިފުމުގައި ތިން ދަރަޖައެއްވާކަން ހުތުބާގައި ފާހަގަކުރިއެވެ. އެއީ:
1. އެންމެ ފުރިހަމަ ދަރަޖަ: ޢާޝޫރާ ދުވަހާއެކު އޭގެ ކުރީ ދުވަހާއި ފަހު ދުވަހު (9، 10، 11) ރޯދަހިފުން.
2. ދެވަނަ ދަރަޖަ: ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން.
3. ތިންވަނަ ދަރަޖަ: ހަމައެކަނި ދިހަވަނަ ދުވަހު ރޯދަހިފުން.
ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ސަވާބާ ބެހޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ ”ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތް اللهގެ ޙަޟުރަތުން ފުއްސަވައިދެއްވާނެ ކަމެއްކަމުގައި ވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.“ މިފަދައިންނެވެ.
ހުތުބާގައި އިތުރަށް ނަސޭހަތްތެރިވެފައިވަނީ ޢާޝޫރާ ދުވަހާ ގުޅުވައިގެން މުޖުތަމަޢުގެ ތެރޭގައި ފެތުރެމުންދާ ދީނާ ޚިލާފު ބިދުޢަތަކާއި އާދަކާދަތަކަށް ސަމާލުވުމަށެވެ. ޚާއްޞަކޮށް ހުސައިނުގެފާނު ޝަހީދުވުމާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން ކުރާ ދީނާ ޚިލާފު ކަންކަމަކީ ރަސޫލާ ﷺ ނަހީކުރައްވާފައިވާ ކަންކަން ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
ނިންމާލަމުން ހުތުބާގައި ގޮވާލާފައިވަނީ މާތް الله ޙުރުމަތްތެރިކުރައްވާފައިވާ މުޙައްރަމު މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރަސޫލާ ﷺ އެންގެވި ފަދައިން ރޯދަހިފައި، މާތް اللهގެ ޙަޟުރަތާ ކުއްތަންވުމަށް މަސައްކަތް ކުރުމަށެވެ.




