2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ޓީމަށް ކުރިމަތިވެފައިވާ ހަރުކަށި ދަތުރުފަތުރުގެ ހުރަސްތަކަށް ލުޔެއް ދިނުމާ މެދު އެމެރިކާގެ ވައިޓް ހައުސްއިން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިހާރު ކަނޑައަޅާފައިވާ ވިސާ އުސޫލުތަކުގެ ދަށުން، މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާގައި ކުޅޭ މެޗުތަކަށް އީރާން ޓީމަށް އެތެރެވެވެނީ މެޗު އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު އެ ގައުމުން ފުރައިގެން ދާންޖެހެއެވެ.
މި ހަރުކަށި އުސޫލުތަކުގެ ސަބަބުން އީރާނުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށްފަހު އޭނާ ބުނީ، ”އީރާން ޓީމަކީ މުޅި މުބާރާތުގައިވެސް އެންމެ ބޮޑު ނިކަމެތިކަމެއް ތަހައްމަލު ކުރަންޖެހިފައިވާ ޓީމު“ ކަމަށެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، މި މަހުގެ 27 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭ ގްރޫޕުގެ ތިންވަނަ މެޗަށް އީރާން ޓީމު ދަތުރުކުރުމުގައި ލުއިތަކެއް ދިނުމާ މެދު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އީރާން ޓީމު މުބާރާތުގެ ތެރޭގައި މަޑުކުރަނީ މެކްސިކޯގައެވެ. ލޮސް އެންޖެލިސްއަށް ކުރަންޖެހެނީ 30 މިނެޓުގެ ކުރު ފްލައިޓަކަށް ވާތީ ފުރަތަމަ ދެ މެޗުގައި މި އުސޫލަށް އަމަލުކުރި ނަމަވެސް، ސިއެޓްލްއަށް ކުރަންޖެހޭ ދަތުރަކީ ތިން ގަޑިއިރުގެ ދިގު ދަތުރަކަށް ވާތީ އެ މެޗަށް ދަތުރުކުރުމުގައި ބަދަލުތަކެއް ގެނައުމަށް ދަނީ ވިސްނަމުންނެވެ.
ގިއުލިއާނީ އިތުރަށް ވިދާޅުވީ، އެމެރިކާގެ ގައުމީ ސަލާމަތަށް އުނިކަމެއް ނާންނާނެހެން ހުރިހާ ޓީމުތަކަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށެވެ. އީރާން ޓީމަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ރައީސް ޓްރަމްޕް ވަނީ ހާއްސަ ގަރާރެއްގައި ސޮއިކުރައްވާފައެވެ. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިއުލިއާނީ ސިފަކުރެއްވިއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، ކުޅުންތެރިންގެ ޖިސްމާނީ އަދި ފަންނީ ތައްޔާރުވުންތަކަށްޓަކައި ކޮންމެ މެޗެއްގެ ދެ ދުވަސް ކުރިން އެ ސިޓީއަކަށް ދިއުމުގެ ހުއްދަ އާއި، މެޗު ނިމޭ ދުވަހުގެ އަނެއް ދުވަހު އެނބުރިދިއުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ރަސްމީ ޝަކުވާ ފީފާއަށް ހުށަހަޅާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފީފާއިން ބުނެފައިވަނީ މުބާރާތް ބާއްވާ ގައުމެއްގެ ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކަށް އެ އިދާރާއަށް ބާރު ފޯރުވޭނެ ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ފީފާއިން ބުންޏެވެ.
އީރާނުގެ ދެން އޮތް މެޗު އޮންނާނީ އާދީއްތަ ދުވަހު ލޮސް އެންޖެލިސްގެ އިނގްލެވުޑްގައި ބެލްޖިއަމާ ދެކޮޅަށެވެ.



