ބްރެޒިލް ގައުމީ ޓީމަށް ކުޅެމުން އަންނަ ބާސެލޯނާގެ ތަރި ރަފީނިއާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދަން ފަށައިފި ކަމަށާއި، އުންމީދަކީ ވޯލްޑް ކަޕްގެ ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ކުޅެވުން ކަމަށް ބްރެޒިލްގެ ގައުމީ ޓީމުން ހާމަކޮށްފިއެވެ.
ރަފީނިއާއަށް މި އަނިޔާ ކުރިމަތިވީ ފިލަޑެލްފިއާގައި ހައިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
3-0 އިން ބްރެޒިލް މޮޅުވި އެ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ލިބުނު އަނިޔާއަކާ ގުޅިގެން މެޑިކަލް ޓީމުގެ އެހީތެރިކަމަށްފަހު އޭނާ ވަނީ ދަނޑުން ބާލާފައެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މައުލޫމާތު ދިން ގޮތުގައި، އުމުރުން 29 އަހަރުގެ ރަފީނިއާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ތަދެއް އިހުސާސްވުމާ ގުޅިގެން އިތުރު ޓެސްޓުތަކެއް ވަނީ ހަދާފައެވެ. މި ޓެސްޓުތަކުން ރަފީނިއާ އަށް އަނިޔާވެފައިވާކަން ކަށަވަރުވި ނަމަވެސް، މިއީ މުބާރާތުން ވަކިވާންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ގައުމުގެ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.
މުބާރާތް ފެށެން ކައިރިވެފައިވަނިކޮށް، ބްރެޒިލްގެ ޑިފެންޑަރު ވެސްލީއަށް އަނިޔާވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ރަފީނިއާގެ ހާލަތު އެއާ ތަފާތެވެ. ފެޑެރޭޝަނުން ބުނީ ރަފީނިއާގެ ފަރުވާގެ ކަންކަން ވަރަށް ބާރު ދުވެލީގައި ރޭވުންތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ. ބްރެޒިލްގެ އަމާޒަކީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ރަފީނިއާ އަލުން ފަރިތަކުރުންތަކުގައި ބައިވެރިވެ، މުބާރާތުގެ ބާކީ އޮތް ބައިގައި ފެނިގެންދިއުމެވެ.
މި މުބާރާތުގެ ގްރޫޕް ސީ ގައި މިހާތަނަށް ކުޅުނު ދެ މެޗަށްފަހު ބްރެޒިލް އާއި މޮރޮކޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ބްރެޒިލް އެއްވަނައިގައި އުޅެނީ ގޯލްގެ ތަފާތުންނެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ފްލޮރިޑާގައި ބްރެޒިލް ނިކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.




