މެޓަ ކުންފުނީގެ ދަށުން ހިންގާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މެސެޖިން ސާވިސް ކަމަށްވާ ވަޓްސްއެޕްގެ އިސްވެރިޔާގެ މަގާމަށް އިންޑިއާގެ ފިންޓެކް ސްޓާޓްއަޕް ”ކްރެޑް“ ގެ ބާނީ ކުނާލް ޝާހް އައްޔަންކޮށްފިއެވެ.
ކުނާލް މި މަގާމަށް އައްޔަންކުރީ، އެ މަގާމުގައި ހަތް އަހަރަށްވުރެ ގިނަ ދުވަހު ހުރި ވިލް ކެތުކާޓް މެޓަގެ އެހެން މަގާމަކަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެންނެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކެތުކާޓް ދެން މަސައްކަތްކުރާނީ މެޓަ ކުންފުނީގައި ”މުޅިން އާ އުފެއްދުންތަކެއް ބިނާކުރުމަށް” ކަމަށެވެ. ޒަކަބާގް ވަނީ ކެތުކާޓާ އެކު ގާތުން މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރިކަން ހާމަކޮށްފައެވެ. ނަމަވެސް ކެތުކާޓްގެ އާ ޒިންމާތަކާ ގުޅޭ އިތުރު ތަފްސީލެއް ދިނުމަށް މެޓާގެ ތަރުޖަމާނު ވަނީ އިންކާރުކޮށްފައެވެ.
ކެތުކާޓްގެ ބަދަލުގައި ވަޓްސްއެޕާ ހަވާލުވާ ކުނާލް ޝާހަކީ 2018 ވަނަ އަހަރު ކްރެޑް އުފެއްދި ފަރާތެވެ. ކްރެޑް އަކީ ކްރެޑިޓް ކާޑު ބިލްތައް ދައްކާ މީހުންނަށް އިނާމު ދޭ ޕްލެޓްފޯމެކެވެ. ޒަކަބާގް ބުނި ގޮތުގައި ޝާހްގެ ކިބައިގައި ހުރި އާ އުފެއްދުންތައް ބިނާކުރުމުގެ ވިސްނުމާއި ދުނިޔޭގެ ބާޒާރާ މެދު އޭނާ ގެންގުޅޭ ތަސައްވުރަކީ ވަޓްސްއެޕްގެ އިސްވެރިޔާގެ މަގާމަށް އޭނާ އެންމެ އެކަށީގެންވާ ސަބަބެވެ.
މި ބަދަލާ އެކު، މެޓާއިން ވަނީ ކްރެޑް ކުންފުންޏަށް 900 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފައެވެ. މި އިންވެސްޓްމަންޓާ އެކު ކްރެޑްގެ ޖުމްލަ އަގު މިހާރު ވަނީ 4.5 ބިލިއަން ޑޮލަރަށް އަރައިފައެވެ.
2014 ވަނަ އަހަރު 19 ބިލިއަން ޑޮލަރަށް މެޓާއިން ގަތް ވަޓްސްއެޕަކީ މިހާރު މަހަކު ތިން ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ހިދުމަތެކެވެ. މެޓާއިން ދަނީ ވަޓްސްއެޕާއި އެ ކުންފުނީގެ އެހެން ވަސީލަތްތަކުން އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެ ތެރޭގައި ސަބްސްކްރިޕްޝަން ޕްލޭންތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިދުމަތްތައް ހިމެނެ އެވެ.



