ވެނެޒުއެލާއަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް 164 މީހުން މަރުވެފައިވާކަން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ.
މި ބިންހެލުމުގެ ސަބަބުން ކަރާކަސްގެ އިރުމަތީ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިދާރާތަކުން ލަފާކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގެ ހުޅަނގަށް ރެކްޓަރ މިންގަނޑުން 7.2 އަދި 7.5ގެ ބާރުމިނުގައި ދެ ބިންހެލުން އައިސްފައިވެއެވެ. މިއީ ފާއިތުވި 100 އަހަރުގެ ތެރޭގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކަށް ވާއިރު، މި ހާދިސާގައި 1،000 އެއްހާ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމުގެ ލޮޅުންތައް މުޅި ޤައުމުގެ އެކި ސަރަޙައްދުތަކުގެ އިތުރުން، 1،050 މޭލު ދުރުގައި އޮންނަ ބްރެޒިލްގެ އެމޭޒަން ސަރަޙައްދަށްވެސް އިޙްސާސް ކުރެވިފައިވެއެވެ. ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ލަ ގުއައިރާ ސަރަޙައްދަށެވެ.
އިރުމަތީ ސިޓީތަކުގެ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް އިމާރާތްތަކުން ނިކުމެ މަގުތަކުގައި ޖަމާވެފައިވާއިރު، ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ޢާއިލާތަކުންނާއި ސަލާމަތީ ބާރުތަކުން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.
ވެނެޒުއެލާގެ ސަރުކާރުން މިހާރު ވަނީ މުޅި ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އަދި ބިންހެލުމުގައި ގެއްލުން ލިބުނު މަދަރުސާތަކާއި ހަސްފަތާލުތައް އަލުން ބިނާކުރުމަށްޓަކައި 200 މިލިޔަން އެމެރިކާ ޑޮލަރުގެ ފަންޑެއް ވަނީ އުފައްދާފައެވެ. މީގެ އިތުރުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބަރު އުޅަނދުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ އަމިއްލަ ވިޔަފާރިތަކުގެ ކިބައިން އެދިފައެވެ.
މި ކާރިޘާއާ ގުޅިގެން އެމެރިކާ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅަމުންނެވެ. އދ. އިން ހުއްދަ ދީފައިވާ ސާޗް އެންޑް ރެސްކިޔު ޓީމުތައް މިހާރު ވެނެޒުއެލާއަށް ދަތުރުކުރަމުންދާ ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.




