ފީފާ ވޯލްޑް ކަޕް 2026 ގައި ސެނެގޯލުން ކުރިއަށް ދިއުމަށްޓަކައި، އިރާގާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން މޮޅުވުމަށް މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޕާޕޭ ބޫނާ ތިއޯ ބުނެފިއެވެ.
ގްރޫޕް އައިގައި ހިމެނޭ ސެނެގޯލް ފްރާންސާއި ނޯވޭ އަތުން ބަލިވެފައިވުމުން، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މި މެޗުން މޮޅުވުން އެ ޓީމަށް ވަނީ މަޖުބޫރުވެފައެވެ.
މި މެޗުން މޮޅުވި ނަމަވެސް ސެނެގޯލަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރެއް ނުވެއެވެ. އެ ޓީމަށް ޖެހޭނީ ހުރިހާ ގްރޫޕެއްގެ ކުޅުން ނިމެންދެން މަޑުކުރުމަށްފަހު، ތިންވަނައަށްދާ އެންމެ ރަނގަޅު އަށް ޓީމުގެ ތެރޭގައި ހިމެނިގެން ފުރުސަތެއް ލިބޭތޯ ބަލާށެވެ.
ޓީމުގެ ޑިފެންޑަރު އިސްމާއިލް ޖެކޮބްސް ބުނި ގޮތުގައި، ކުރިއަށް ދިއުމުގެ ފުރުސަތު އަމިއްލަ ބާރުގެ ދަށުގައި ނެތް ނަމަވެސް، ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހަނގުރާމަކުރާނެއެވެ.
ކޯޗު ތިއޯ ވަނީ ސަޕޯޓަރުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި ސެނެގޯލަކީ ވަރުގަދަ ޓީމެއް ނަމަވެސް މިހާރު ޓީމު ހޭލަން ޖެހިފައިވާ ކަމަށާއި އިތުރު ގޯހެއް ހެދުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ. މި މެޗަށް ސެނެގޯލުން ނުކުންނައިރު، އަނިޔާގެ ސަބަބުން އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު އެޑޮއާޑް މެންޑީއަށް ނުކުޅެވޭނެއެވެ.



